އަލޫފްއަކީ ވަރަށް ހުޝިޔާރު ވިސްނުންތެރި ކުއްޖެކެވެ. ކިޔެވުމާއި ކުޅިވަރާއި އަދި އަދަބީ ރޮނގުން ވެސް އޭނާއަކީ އޭނާގެ ސްކޫލުގެ މުޅި ގްރޭޑުން ވެސް އެއް ވަނަ ދަރިވަރުގެ ގޮތުގައި ފާހަގަކޮށްލެވޭ ކުއްޖެކެވެ. އެހެންކަމުން އޭނާއާއި ވާދަކޮށްލެވޭވަރުގެ ކުއްޖަކު އެ ދުވަސްވަރު އެ ގްރޭޑްގައި ނެތްކަމަށް ބުނެވިދާނެއެވެ.
މާތްﷲ އަލޫފަށް އެފަދަ ގިނަގުނަ ނިޢުމަތްތައް ދެއްވިއިރު އެކަމަށް ޝުކުރުވެރިވުމުގެ ބަދަލުގައި އޭނާ ހުންނަނީ ވަރަށް ބޮޑާވެ ކިބުރުވެރިވެފައެވެ. އޭނާއާ އެކުގައި އުޅޭ ކުދިންނާއި އަދި އެހެނިހެން ކުދިން ވެސް އޭނާގެ ބޮޑާކަމުގެ ވާހަކަދައްކައި އުޅެއެވެ. ކުއްޖަކު އެއްޗެއް ނޭނގިގެން އަހައިލި ނަމަވެސް އެހީތެރިވުމުގެ ބަދަލުގައި ދެކޮޅުހެދުމަކީ އޭނާ އާދައެކެވެ. ކޮންމެވެސް ބަހަނާއެއް ދައްކައެވެ. ކަންމިހެން އޮތް ނަމަވެސް އަލޫފްއާ ރަޙްމަތްތެރިކަން ބާއްވަން ސްކޫލްގެ ވަރަށް ގިނަ ކުދިން އެދިގެން މަސައްކަތް ކުރެއެވެ. އެއީ އޭނާއަކީ ހުނަރުވެރި ކުއްޖަކަށްވެފައި އޭނާގެ މަޝްހޫރުކަމާއި މޮޅުކަމުގެ ސަބަބުންނެވެ. ޢިލްމުވެރިންނާއި ފައިސާވެރިންދެކެ މީހުން ލޯބިވާ ފަދައިންނެވެ. ނަމަވެސް އޭނާގެ ތިބެނީ ވަރަށް މަދު އެކުވެރިންކޮޅެކެވެ.
އެއް ދުވަހެއްގެ މެންދުރުފަހުގެ ވަގުތެކެވެ. އަލޫފް އިނީ ކިޔަވާށެވެ. ކުއްލިއަކަށް އަލޫފްގެ މަންމަ އަލޫފަށް ގޮވާލާފައި ބުންޏެވެ. "ދަރިފުޅާ އަލޫފް! މަންމަ މި އުޅެނީ މިއަދު ދަރިފުޅުގެ ބޮޑުދައިތަ މިގެއަށް އަންނާތީ ބޮޑުދައިތައަށް އެންމެ މީރު ރެޑްވެލްވެޓް ކޭކެއް އަޅަންކަމަށް. ދަރިފުޅު އެބަޖެހޭ މަންމައަށް ކުޑަ އެހީއެއް ވެދޭން. ވަރަށް އަވަހަށް ގޮސް ޖެހިގެން އެ ހުރި ފިހާރައިން މަންމައަށް ކުކުޅު ބިސްކޮޅެއް ގަނެދީބަލަ!" އަލޫފް ހަމަ ވަގުތުން އެކަމަށް އިންކާރު ކުރަމުން ބުނެލިއެވެ. "މަންމާ! އަޅުގަނޑު މާދަމާ އޮންނަ ޓެސްޓަށް ފިލާވަޅު ދަސްކުރަނީ. މި ވަގުތަކު ނުދެވޭ. މަންމަ ގަނެލައްވާ!" ދެން އަލޫފްގެ މަންމަ ވަރަށް ދެރަވެލާފައި ބުނުއްވިއެވެ. މަންމައަށް ވެސް އެނގެއޭ މާދަން ދަރިފުޅުގެ ހިސާބު ޓެސްޓް އޮންނަކަން. މަންމައަށް މި ވަގުތު ދެވެން ނެތީމައޭ މިބުނަނީ. ހައެއްކަ މިނިޓް ވެސް އެކަމަށް ނުނަގާނެ. އަލޫފް އަނެއްކާ ވެސް ދެކޮޅުހަދަމުން ބުންޏެވެ. މަންމާ މިވަގުތަކު ނުދެވޭނެ ސޮރީ!
އޭގެ އިރުކޮޅެއް ފަހެވެ. އަލޫފްގެ ކުލާހުގައި އުޅޭ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔައީޝް އެގެއަށް އައިސް އަލޫފަށް ބުންޏެވެ. "އަހަރެން މި އުޅެނީ މި ނަންބަރު ހަދަން ނޭނގިގެން. ޓެސްޓުގައި މި ބާވަތުގެ ނަންބަރު އަންނާނެކަމަށް މިސް ބުނުއްވިއެއްނު ދޯ އަލޫފް؟ އަލޫފް ނިކަން މި ނަންބަރު ހަދަންވީގޮތް މަށަށް ކިޔައިދީބަލަ! އަލޫފްއަކީ ވަރަށް މޮޅު ކުއްޖެއްނު މާޝާﷲ."
އަލޫފް އެކުވެރިޔާއަށް ބަލައިވެސް ނުލާ (ފާޑަކަށް މޫނުހަދާލާފައި) ހަމަ ވަގުތުން ޖަވާބުދިނެވެ. މާފުކުރޭ! އަހަރެން ވެސް މާދަމާގެ ޓެސްޓަށް ފިލާވަޅު ދަސްކުރަނީ. ވަގުތެއް ނެތް. ޔައީޝް ވެސް ބޯބަހައްޓައިގެން އަމިއްލައަށް ވިސްނައިގެން މަސައްކަތް ކުރީމާ އެނގޭނެޔޭ. މާދަމާގެ ޓެސްޓުގައި އަންނާނެކަމަށް ދީފައި އެ ހުރި ބައިތަކުގައި ތިޔަ ބުނާހާ އުނދަގޫ އެއްޗެއް ނެތް. ދެން ޔައީޝް ވެސް ވަރަށް ދެރަވެފައި އެ ގެއިން ނިކުމެގެން ހިނގައްޖެއެވެ. އަލޫފްގެ މަންމައަށް މި މަންޒަރު ވެސް ފެނި ވަރަށް ދެރަވެފައި ބަލަން ހުއްޓެވެ.
އަލޫފް ވަރަށް ލޯބިވާ ގަލަމެއް އޭނާ ގެންގުޅެއެވެ. އޭނާ ދެކޭގޮތުގައި އެ ގަލަމަކީ އޭނާގެ ނަސީބު ގަލަމެވެ. އޭނާ އެ ގަލަމުން ޓެސްޓް ހަދާ ކޮންމެ ދުވަހަކު ފުލް މާކުސް އޭނާއަށް ލިބޭކަމަށް އޭނާ ހީކުރެއެވެ. އެ ދުވަހު އޭނާ ކިޔަވަން އިނދެފައި ދަބަސް ބަލައިލި އިރު އެއްކަލަ އޭނާގެ ނަސީބު ގަލަމެއްނެތެވެ. އަލޫފް މުޅި ގޭތެރެ ހޯދަހޯދާ ވެސް އެ ގަލަމެއް ނުފެނުނެވެ. ދެން އަލޫފް އެކަމާ ވަރަށް ދެރަވެގެން އޭނާގެ މަންމަ ގާތަށް ގޮސް ބުންޏެވެ. "މަންމާ! އަޅުގަނޑު މި އުޅެނީ އަޅުގަނޑުގެ ނަސީބު ގަލަން ގެއްލިގެން. އެ ގަލަން ހޯދަން އަޅުގަނޑަށް އެހީތެރިވެދެއްވާ. މާދަން ޓެސްޓަށް ދާއިރު އެ ގަލަން އަޅުގަނޑު ވަރަށް ބޭނުން. އެހީތެރިވެދެއްވާ މަންމާ!"
އަލޫފްގެ މަންމަ ދެކޭގޮތުގައި އަލޫފަށް މިހާރު ފިލާވަޅެއް ލިބެން އެބަޖެހެއެވެ. އޭނާގެ އެ ހުންނަ ކިބުރުވެރިކަން މިހާރު އެ ދަނީ މާ މައްޗަށެވެ. އެހެންވެ މަންމަ ފަރުވާކުޑަ ގޮތަކަށް ބުންޏެވެ. "މަންމައަށް މާފުކުރޭ ދަރިފުޅާ! މަންމަ މި އުޅެނީ ވަރަށް އަވަދިނެތި. ވަގުތެއް ނެތް. ދަރިފުޅު އެ ގަލަން އަމިއްލައަށް ހޯދައިލާ!" މަންމަ މިހެން ބުނުއްވުމުން އަލޫފް ވަރަށް ދެރަވެއްޖެއެވެ. ވަގުތުން ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ.
އަލޫފް ދެން ޤަސްދުކުރީ އޭނާގެ އެކުވެރި ޔައީޝްގެ އެހީ ހޯދާށެވެ. އަލޫފް އޭނާގެ އެކުވެރި ޔައީޝަށް ފޯނުން ގުޅާލާފައި އޭނާގެ ނަސީބު ގަލަން ގެއްލިގެން އުޅޭ ވާހަކައާއި އެ ގަލަން ހޯދުމުގައި އެހީތެރިވެދިނުމަށް، އެ ގެއަށް އައިސްދިނުމަށް އެދިއްޖެއެވެ. އެ ވަގުތު އަލޫފްގެ އެކުވެރިޔާ އަވަސްއަވަހަށް ބުންޏެވެ. މާފުކުރޭ! އަހަރެން މި އުޅެނީ މާދަމާގެ ޓެސްޓަށް ފިލާވަޅު ދަސްކުރަން. މިއަދު ދެވޭކަށް ނެތް. ހަމަ އެއްވެސް ވަގުތެއް ނެތް. އަމިއްލައަށް ތިޔަ ގަލަން ހޯދައިލާ. އެ ހޯދާކަށް އެހާ އުނދަގުލެއް ނުވާނެއެއްނު!"
ދެން އަލޫފް ގަލަން ހޯދަހޯދައި ވަރުބަލިވުމުން ވަރަށް ދެރަވެލާފައި ވިސްނަން އިނެވެ. އެ ވަގުތު އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އަހަރެންނަށް ވެސް އެހެން މީހުންގެ އެހީތެރިކަމަށް އެދެން އެބަޖެހެއެވެ. އަހަރެން މިއަދު ގަލަން ހޯދަން އެހީތެރިވެދޭނެ މީހަކު މި ނުވީ އަހަރެންނަށް ވެސް އެހެން މީހުނާމެދު ކަންތައްކުރެވޭ ގޮތުންނެވެ. އަހަރެންނަށް މިހާރު އެބަ ވިސްނެއެވެ.
އަލޫފް ދެރަވެފައި ވިސްނަން އިންތަން އޭނާގެ މަންމައަށް ފެނުމުން މަންމަ ވަރަށް ދެރަވެއްޖެއެވެ. އޭރު މަންމަ އޮތީ އަލޫފު ގެއްލިގެން އެ އުޅޭ ގަލަން ވެސް ހޯދާފައެވެ. ދެން މަންމަ އަލޫފް ގާތަށް އައިސް ވަރަށް ލޯބިން ބުންޏެވެ. "މިއަދު ތިޔަ ދިމާވި ކަންތަކުން ދަރިފުޅަށް އެއްވެސް އެއްޗެއް ވިސްނިއްޖެތަ؟ އަލޫފް ބުންޏެވެ. ލައްބަ މަންމާ! އަމިއްލަ އެދުން އިސްކޮށް، ބޮޑާ ވުމުގެ ނުބައިކަން ވިސްނިއްޖެ. އަދި އެކަކުއަނެކަކަށް އެހީތެރިވެދިނުމުގެ މުހިންމުކަން ވެސް ވިސްނިއްޖެ. މިއަދު އެ ގަލަން ހޯދަން އަޅުގަނޑަށް އެހީތެރިވެދޭނެ އިތުރު މީހަކު ހުރިނަމަ އެ ގަލަން ހޯދަން ވަރަށް ފަސޭހަވީސް. އަދި ހިތްވަރުލިބުނީސް. ޔައީޝަކަށް ވެސް އަދި މަންމައަކަށް ވެސް އަޅުގަނޑަށް އެހީއެއް ވާނެ ވަގުތެއް މިއަދަކު ނެތް. އެއީ އަޅުގަނޑަށް ވެސް ކަންތައް ކުރެވޭ ގޮތުންކަން މިއަދު އަޅުގަނޑު ގަބޫކުރެވިއްޖެ. ދެން އަލޫފަށް ގިސްލެވެންވެށުނެވެ.
އެ ވަގުތު މަންމަ އެއްކަލަ ނަސީބު ގަލަން ގެނެސް އަލޫފްގެ އަތަށް ދެމުން ބުންޏެވެ. "މަންމަ ވަރަށް އުފާވެއްޖެ މިއަދު ދަރިފުޅަށް ވިސްނުނީތީ. މި ގަލަން އޮތީ ސޯފާ ދަށަށް ވެއްޓިފައި. މިއަދު މަންމައަށް މި ގަލަން ފެނިގެން އަލޫފް ހޯދަން އުޅޭނެކަން އެނގޭތީ ފޮރުވާފައި ބޭއްވީ. މަންމަގެ ބޭނުމަކީ ދަރިފުޅަށް އެއްޗެއް ވިސްނައިދިނުން."
އަލޫފް ފުންމައިގެން ތެދުވެ މަންމައަތުގައި އޮތް ގަލަމުގައި ހިފަމުން ބުންޏެވެ. "މަންމާ އަޅުގަނޑަށް މާފުކުރައްވާ! އަދި އަޅުގަނޑަށް ވިސްނައިދެއްވުމަށް މަސައްކަތް ކުރެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!
އެ ދުވަހަށް ފަހު އަލޫފް ކުރިން އެ ހުންނަ ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށްލިއެވެ. އަދި ޚާއްޞަކޮށް މީހަކު ކަމަކު އެދިއްޖެނަމަ އެކަމެއް ކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދެއެވެ.
ޢިބްރަތް: އަބަދުވެސް އެހީތެރިކަމަށް އެދޭ މީހުނަށް އެހީތެރިވެދޭން އާދަ ކުރާށެވެ!
ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.