ދިވެހިންނާއި ކަނޑުމަހާ ހުރި ގުޅުމަކީ ކަނޑާއި ރާޅާއި ހުންނަ ކަހަލަ ވަރުގަދަ ގުޅުމެކެވެ. ސަގާފީ ގޮތުންނާއި، އިގްތިސާދީ ގޮތުން އަދި ކެއިންބުއިމުގެ އާދަކާދައަށް ބަލާއިރުވެސް ދިވެހިންގެ މައިގަނޑު ކާނާއަކީ ކަނޑުމަހެވެ. ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނައިން މަސް ކާ އެއް ބަޔަކީ ދިވެހިންނެވެ.

މަހަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު ޕްރޮޓީން، އޮމެގާ-3 ފެޓީ އެސިޑް އަދި ވިޓަމިންސް ލިއްބައިދޭ ވަރަށް ފައިދާހުރި ކާނާއެކެވެ. އެކަމަކު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާތަކުން އަބަދުވެސް ދޭ އެއް އިންޒާރެއް އޮވެއެވެ. އެއީ ކަނޑުމަހުގައި މާކިއުރީ ގިނަ އަދަދަކަށް ހުންނާތީ، މަސް ކެއުން ލިމިޓްކުރުމަށެވެ.
މިއާއެކު އުފެދޭ ސުވާލަކީ، ހެނދުނު މަސްހުނި، މެންދުރު ގަރުދިޔަ، އަދި ރޭގަނޑު ފިހުނުމަސް ކާލައިގެން އުޅޭ ދިވެހިންނަށް މި ބުނާ މާކިއުރީގެ ނުރައްކަލެއް އެބައޮތް ހެއްޔެވެ؟
މާކިއުރީ އަކީ ކޮބާ؟ މިއީ އެހާ ނުރައްކާތެރި އެއްޗެއްތަ؟
މާކިއުރީއަކީ ތިމާވެށީގެ ތެރޭގައި ގުދުރަތީ ގޮތުންނާއި ކާރުޚާނާތަކުގެ ވިހަ ކެމިކަލްސް ތަކުގެ ސަބަބުން އުފެދޭ ވިހަ މާއްދާއެކެވެ. ކަނޑުގެ ލޮނުގަނޑުގެ ތެރޭގައި މިއަށް ބަދަލުތަކެއް އައިސް، "މީތައިލް-މާކިއުރީ" ގެ ގޮތުގައި މަސް މަހުގެ ހަށިގަނޑަށް މި ވިހަ މާއްދާ ދަމައިގަނެއެވެ. މަސްމަހާމެހީގެ ދުނިޔޭގެ ފުޑް ޗެއިން (Food Chain) އެތުރިފައިވާ ގޮތުން، ބޮޑެތި އަދި ގިނަ ދުވަހު ދިރިއުޅޭ މަސްމަހުގައި މި މާއްދާ ޖަމާވާލެއް ގިނަވެގެންދެއެވެ.
އިންސާނުންގެ ހަށިގަނޑަށް މާކިއުރީ ގިނައިން އެތެރެވުމަކީ ސިކުނޑިއަށާއި ނާރުތަކުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. ޚާއްސަކޮށް ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް މީގެއިން ހުރަސްއަޅައެވެ. ނަމަވެސް، މި ބުނާ ބޮޑު ނުރައްކަލުން ދިވެހިން ސަލާމަތްވެފައިވަނީ ކީއްވެގެން ހެއްޔެވެ؟

ރިސާޗްތަކުން ދެއްކި ހައިރާންކުރުވަނި ނަތީޖާ އާއި ދިވެހިންގެ އައްޑަނަ
ގްލޯބަލް މާކިއުރީ އެސެސްމެންޓް (ޖީ.އެޗް.އެމް.ޑީ) ގެ ބައެއް ހިސާބުތަކަށް ބަލާއިރު، ދިވެހިން ކާ މަހުގެ ނިސްބަތަކީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ 14 ގުނަ އިތުރަށް ދިވެހިންގެ ހަށިގަނޑަށް މާކިއުރީ އެތެރެވާންޖެހޭ މިންވަރެކެވެ. "ޓެކްސްޓްބުކްގައި" އޮތް ގޮތުން ނަމަ، ދިވެހިން ތިބެންޖެހޭނީ މާކިއުރީ ވިހަވެގެން ބަލި އެނދުން ނުތެދުވެވިފައެވެ.
އެކަމަކު ހަގީގަތް މިއާ މުޅިން ތަފާތެވެ. ރާއްޖޭގައި މިފަދަ މާކިއުރީ ވިހަވުމުގެ މައްސަލަތަކެއް ފެންނާކަށް ނެތެވެ. ސައިންސްވެރިންނަށް މިކަންވީ ބޮޑު ސުވާލުމާކަކަށެވެ. ފަހުން ހެދި ދިރާސާތަކުން އެނގުނީ މީގެ ސިއްރަކީ ކަނޑުމަހުގައި އެކުލެވޭ "ސެލެނިއަމް" ކިޔާ މާއްދާއެއް ކަމެވެ.

ސެލެނިއަމް: މާކިއުރީގެ ދުޝްމަނު
ސެލެނިއަމް އަކީ ހަށިގަނޑަށް ނުހަނު ފައިދާހުރި، ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އަދި ތައިރޮއިޑް ގްލޭންޑްގެ މަސައްކަތްތަކަށް އެހީތެރިވެދޭ މިނަރަލްއެކެވެ. މާކިއުރީ އާއި ސެލެނިއަމް އަކީ ބައްދަލުވާ ހިސާބުން އެކަކު އަނެކަކަށް ދަމައިގަންނަ ދެ މާއްދާއެކެވެ. މާކިއުރީ ސިކުނޑީގެ ސެލްތަކަށް ގެއްލުންދޭން އުޅުމުން، ސެލެނިއަމް ގޮސް މާކިއުރީގައި ބާރަށް ހިފަހައްޓާ، އެއީ ހަށިގަނޑަށް ގެއްލުމެއް ނުދެވޭނެ ފަދަ "އިނާރޓް" ނުވަތަ ބާރުކެނޑިފައިވާ އެއްޗަކަށް ހަދާލައެވެ.
މާސްޓަރ ކީ އަކީ މިއެވެ: މަހެއްގައި މާކިއުރީއަށްވުރެ ސެލެނިއަމް ގިނަނަމަ، އެ މަހެއް ކެއުމުން މާކިއުރީގެ ނުރައްކަލެއް ނޯވެއެވެ.

ކޮން މަހެއް ރަނގަޅީ؟ ކޮން މަހަކަށް ސަމާލުވާންވީ؟
ދިވެހިން އާންމުކޮށް ކައިއުޅޭ މަސްމަހަކީ ސެލެނިއަމް އާއި މާކިއުރީގެ ނިސްބަތް (Se:Hg Molar Ratio) ވަރަށް ފުރިހަމައަށް ހުންނަ މަސްމަހެވެ. ތިރީގައިވާ ތާވަލުން އެކި ބާވަތްތަކުގެ މަހުގެ ރައްކާތެރިކަން ހުރިގޮތް ބަލާލަމާ ހިންގަވާށެވެ.
1. ރާގޮނޑި އާއި ލައްޓި: އެންމެ ސުޕަރސްޓާރުން!
މި ދެ ބާވަތަކީ ކުދި، އަދި ކަނޑުގެ ތިލަ ހިސާބުތަކުގައި އުޅޭ މަސްމަހަށްވުމުން، މީގެ ހަށިގަނޑުގައި މާކިއުރީ ޖަމާވާން ގިނަ ދުވަހެއް ނުލިބެއެވެ. ނަމަވެސް ސެލެނިއަމްގެ މިންވަރު އިންތިހާއަށް މައްޗެވެ. އެހެންކަމުން މިއީ ކުޑަކުދިންނަށާއި މާބަނޑު އަންހެނުންނަށްވެސް އެންމެ ރައްކާތެރި، ކޮންމެ ދުވަހަކު ކާންވެސް އެންމެ ރަނގަޅު މަސްތަކެވެ.

2. ކަޅުބިލަމަހާއި ކަންނެލި: ދިވެހިންގެ ހަކަތަ
ރާއްޖޭގެ މަސްވެރިކަމުގެ 90% އަކީ ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެއްޔެވެ. ކަޅުބިލަ މަހަކީ ސެލެނިއަމް ގިނަ، އަދި މާކިއުރީ ހަށިގަނޑަށް ގެއްލުންދިނުމުން ހުއްޓުވައިދޭ "ސެލެނިއަމް ހެލްތު ބެނެފިޓް" ވަރަށް މަތީގައި ހުންނަ މަހެވެ. ރީނދޫ އުރަހަ ކަންނެލީގައި ސެލއނިއަމްގެ މިންވަރު އެހެން މަސްތަކާ އަޅާ ބަލާއިރު މަދު ނަމަވެސް އޭގައި ހިމެނޭ މާކިއުރީގެ މިންވަރަށްވުރެ މަތިވުމުން މި މަސް ކެއުމުންވެސް އެންމެ ރަނގަޅެވެ. އެހެނަސް ރައްކާތެރިވެ ތިބިއްޔާ ދަތުރޭ ބުނާ އުސޫލުން ކަންނެލި ކާ މިންވަރު ކޮންމެވެސް ވަރަކަށް ހިފަހައްޓާލުން ބުއްދިވެރި ކަމަށް ބެލެވެއެވެ.
3. ސަމާލުވާންވީ ކޮން ބާވަތްތަކަކަށް؟
މާކިއުރީގެ ނުރައްކާ ބޮޑީ ކަނޑުގެ މާ ފުން ހިސާބުތަކުގައި އުޅޭ، ބޮޑެތި އަދި ގިނަ ދުވަސްވީ މަސްމަހުގައެވެ. މިސާލަކަށް ލޯބޮޑު ކަންނެލި (Bigeye Tuna) އަދި ހިބަރު (Marlin / Swordfish) ފާހަގަކޮށްލެވެއެވެ. މިފަދަ މަސްމަހުގައި ސެލެނިއަމްއަށްވުރެ މާކިއުރީ ގިނަވާ ފަހަރު އާދެއެވެ. އެހެންކަމުން މި ބާވަތްތައް ކެއުމުގައި މާބަނޑު މީހުންނާއި ކުޑަކުދިން ބޮޑަށް ސަމާލުވާންޖެހެއެވެ.

ނިންމުން
ދުނިޔޭގެ އެހެން ގައުމުތަކުގައި "މަސް ކެއުން މަދުކުރާށޭ" ބުންޏަސް، ދިވެހިންގެ ސަގާފީ ކެއުމުގައި ހިމެނޭ ކަޅުބިލަމަހާއި، ލައްޓި އަދި ރާގޮނޑިއަކީ ގުދުރަތުން ދެއްވާފައިވާ ރައްކާތެރިކަމުގެ އައްޑަނައެއް ފަދަ އެއްޗެހިތަކެކެވެ. މަހުން ލިބޭ އޮމެގާ-3 އާއި ސެލެނިއަމްގެ ސަބަބުން ސިކުނޑީގެ ވިސްނުން ތޫނުވެ، ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ. ވުމާއެކު، ބޮޑެތި ހިބަރާއި ލޯބޮޑު ކަންނެލި ފަދަ މަސްމަސް މާ ގިނައިން ނުކައި، އާންމުކޮށް މިކައި އުޅޭ ކަޅުބިލަމަހާއި ރާގޮނޑިން ގަރުދިޔަތެލި ފުރާލުމަކުން މާކިއުރީގެ ބިރެއް ނެތެވެ!
މައުލޫމާތު: އެމްއެފްޑީއޭ، ދަ ޝީސެލްސް އަނަލޮގީ ފަދަ ވެބްސައިޓްތައް













