September 21, 2024 02:28
Advertisement

-Advertisement-

ޕްރޮފެސަރ އުގެއިލްގެ ލިޔުއްވުމެއް: ބްލެކް ހޯލްގެ އާދަޔާ ޚިލާފް ކަންތައްތައް!

ބްލެކް ހޯލް ނުވަތަ އަނދިރި ވަޅުގަނޑެކޭ ބުނާ އަޑު ގިނަބަޔަކު ވާނީ އަޑުއަހާފައެވެ. އެހެންނަމަވެސް މިއީ ބިންމަތީގައި ހުންނަ ވަޅުގަނޑުތަކުގެ ވާހަކައެއް ނޫނެވެ. މިތާނގައި މި ވާހަކަދެކެވޭ ބްލެކް ހޯލް އަކީ އަހަރެމެންގެ ކާއިނާތުގައި ވާކަމަށް ފަލަކީ އިލްމުވެރިން ގަބޫލު ކުރާ ބްލެކް ހޯލްތަކުގެ ވާހަކައެވެ. މިބްލެކް ހޯލް ތަކަކީ އޭގެ ނަމުންވެސް ދޭހަވާ ފަދައިން އަނދިރި ވަޅުގަނޑެއް ގޮތަށް ސިފަވުމުގެ އިތުރަށްވެސް އެހެނިހެން ހައިރާން ކުރަނިވި ސިފަތައް އެކުލެވިގެންވާ ތަކެއްޗެވެ.

ފަލަކީ އިލްމުވެރިއެއްގެ ގާތު ބްލެކް ހޯލްއަކީ ކޮން އެއްޗެއް ކަމާމެދު ސުވާލު ކޮށްފިނަމަ، އެބޭފުޅުން ވިދާޅުވާނީ ބްލެކް ހޯލްއަކީ ކާއިނާތުގައިވާ އެންމެ ބާރުގަދަ އެއްޗެހިތަކުގެ ތެރެއިން އެއްޗެއް ކަމެވެ. ސަބަބަކީ ކާއިނާތުގައިވާ ބްލެކް ހޯލްތަކަކީ ބިންމަތީގައި އަޅާފައި އޮންނަ ކާޕެޓް ސާފު ކުރަން ބޭނުންކުރާ ވެކިއުމް ކްލީނާރ އެއްފަދައިން ދަމާ ބާރު އެކުލެވިގެންވާ އަދި އޭގެ ދަމާބާރުތަކުގެ ކިބައިން އެންމެ ކުދި ކުނޑިތަކަށް ވެސް ސަލާމަތް ނުވެވޭ ފަދަ ދަމާބާރެއް އެކުލެވިފައިވާ  އެއްޗިއްސެވެ. މީގެ އިތުރުން އެއާ ކައިރިން ދަތުރު ކުރާ ތަކެތިވެސް އޭގެ "ވަކިތަކުން" ސަލާމަތް ވެގެނެއް ނުދެއެވެ. އެހެންކަމުން ބްލެކް ހޯލްތަކަކީ ކާއިނާތުގެ ވެކިއުމް ކްލީނާރ ތަކެވެ. އެހެންނަމަވެސް، އަހަރެމެން ގެންގުޅޭ ވެކިއުމް ކްލީނާރ ތަކާއި ހިލާފަށް ބްލެކް ހޯލްތަކުން އެއްވެސް އަޑެއް ނުނިކުންނާނެއެވެ.

ބްލެކް ހޯލްތަކަކީ ކާއިނާތުގައިވާ ކުނޑިތަކާއި އެހެނިހެން ތަކެތި ސާފުކުރުމަށް އެހީވެދޭ އެއްޗެކެވެ. އެހެންނަމަވެސް، ވެކިއުމް ކްލީނާރ އާއި ހިލާފަށް ބްލެކް ހޯލްތައް އެއްޗެތި ދަމައިގަންނަނީ ގްރެވިޓީ ނުވަތަ ދަމާ ބާރުގެ އެހީގައެވެ. ވެކިއުމް ކްލީނާރ ތައް އެއްޗެތި ދަމައިގަންނަނީ ޕްރެޝަރ އަށް އަންނަ ބަދަލުތައް ނުވަތަ ސަކްޝަން ފޯސްގެ އެހީގައެވެ.

Advertisement

ދެން ބްލެކް ހޯލްތައް އުފެދިގެންދާ ގޮތަށް ބަލާލަމާ ހިނގާށެވެ. އެންމެ ފުރަތަމަ ކާއިނާތުގައިވާ ބޮޑެތި ތަރިތައް  ކުޑަކުޑަ ޒައްރެއްގެ  ނުވަތެ އެންމެ އެޓޮމެއްގެ ސައިޒަށް ކުޑަވަމުންދާނެ ގޮތް ސިފަކޮށްލާށެވެ. މިފަދަ ބޮޑެތި ތަރިތައް ކުޑަކުޑަ ޒައްރެއްގެ  މިންވަރަށް ކުޑަ ވިނަމަވެސް، އޭގެ  ބަރުދަން  ނުވަތަ އޭގެ މާސް އެއް ވަރެއްގައި ހިފެހެއްޓިފައި ހުރެއެވެ.  މިގޮތަށް ވެދާނެ ކަމާމެދު ގިނަބައެއްގެ ހިތުގައި ސުވާލު އުފެދިދާނެއެވެ. ޖަވާބު ވަރަށްވެސް ސާފެވެ. މިސާލަކަށް ކޯކް ދަޅަކާއި އެއްވަރުގެ ސްޕޮންޖްގަނޑެއް މުށުގެތެރެއަށް ލައި ފިއްތައިފިނަމަ، މުށުގެ ތެރެއިން އޭތި ނުފެންނަ ވަރަށް ކުޑަކޮށް އޭތި ފޮރުވިދާނެއެވެ. މީގައި އެންމެ އާދަޔާ ޚިލާފް ކަމަކަށް ފާހަގަ ކުރެވެނީ ސްޕޮންޖެއް ފިއްތާލާ ކުޑަކޮށްލާ ގޮތަށް އެއްޗެއް ފިއްތާ ކުޑަކޮށްލުމުން އޭގައިވާ ދަމާބާރު ނުވަތަ ގުރެވިޓީ އިތުރުވެގެން ދާކަމެވެ. ކާއިނާތުގައިވާ މާސިންގާ ތަރިތަކަށް ވެސް ވަނީ ހަމަމިފަދަ ގޮތެކެވެ. މި ބޮޑެތި ތަރިތަކުން ހަކަތަ ހުސްވުމުން އޭގެ ބަރުދަން ހިފެހެއްޓުމުގެ ބާރެއް އެއަށް ލިބިގެނެއް ނުވެއެވެ. އެހެންކަމުން އޭގައި ހިމެނޭ ގިނަ އަދަދެއްގެ ހައިޑްރިޖަން ގޭސް ފަށަލަތަކުގައި އުފެދޭ ޕްރެޝަރގެ ސަބަބުން ތަރި ކުޑަވާން ފަށައެވެ. އެންމެ ފަހުން އެތަރި ކުޑަވަމުން ގޮސް އެޓަމް ނުވަތަ ޒައްރެއްގެ  މިންވަރަށް ކުޑަވެއެވެ. ބޮޑު ތަރިއެއް ޒައްރެއްގެ މިންވަރަށް ކުޑަވުމުން އޭގައިވާ ދަމާބާރު އިތުރުވެގެންދާ މިންވަރު ހިތަށްވެސް  ގެންނަން ދަތިވާނެއެވެ. މިއީ ބްލެކް ހޯލްތައް އުފެދިގެންދާ ގޮތެވެ. އަދި އޭގައިވާ ދަމާބާރުގެ ސަބަބުން އޭގެ ކައިރިން ދަތުރު ކުރާ ކޮންމެ އެއްޗެއް، އެއީ ދުވާލުގެ އަލި ކަމުގައި ވިނަމަވެސް  ބްލެކް ހޯލްގެ ތެރެއަށް ދަމައިގަނެވެ.

ދެން ބްލެކް ހޯލްގެ ތެރެއަށް އެއްޗެތި ދަމައިގަންނަ ގޮތަށް ބަލާލަމާ ހިނގާށެވެ. މިސާލަކަށް ޖައްވުން ބޭރަށް އަހަރުމެން ގޮސްފިނަމަ، އެތަނުގައި އަހަރެމެން ތިބޭނީ އުފުލިފައެވެ. އެހެންނަމަވެސް ދުނިޔެއާއި މާބޮޑަށް ކައިރިވެއްޖެ ނަމަ، ދުނިޔޭގައިވާ ދަމާބާރުގެ ސަބަބުން އަހަރުމެން ދުނިޔެއާއި ދިމާލަށް ދަމައިގަންނާނެއެވެ. އަދި އަހަރުމެން ބޭނުންވި ހިނދެއްގައި ޖައްވީ އުޅަނދެއްގެ އެހީގައި ބޭނުން ގަޑިއެއްގަ ޖައްވަށް ދެވިދާނެއެވެ. އެހެންނަމަވެސް، ބްލްކެ ހޯލްއެއްގެ ތެރެއަށް ދަމައިގަންނަ އެއްޗަކަށް އަލުން އަނބުރާ އެއިން ނުނިކުމެވޭނެއެވެ. ސަބަބަކީ ބްލެކް ހޯލްގައި ހިމެނޭ ދަމާބާރު ނުވަތަ ގްރެވިޓީ ވަރަށްވެސް ބާރުގަދަ ވުމުގެ ސަބަބުންނެވެ.

ބްލެކް ހޯލް ހިމެނެނީ މައިގަނޑު ތިން ބަޔަކަށް ބެހިފައެވެ. ބްލްކެ ހޯލްގެ އެންމެ ބޭރު ފަށަލައަކީ އައުޓަރ އީވެންޓް ހޮރައިޒަން  އެވެ. މިފަށަލައިގައި، ދަމާބާރު ތަންކޮޅެއް ކުޑަވާނެއެވެ. އެހެންކަމުން މިފަށަލައިގެ ކައިރިން ދަތުރު ކުރާ އެއްޗިއްސަށް ބްލެކް ހޯލްގެ ތެރެއަށް ދަމައިނުގަނެވި ސަލާމަތް ވެވިދާނެއެވެ. ބްލެކް ހޯލްގެ މެދު ފަށަލައަކީ އިނަރ އީވެންޓް ހޮރައިޒަންއެވެ. ބްލެކް ހޯލްގެ އެންމެ ބޭރު ފަށަލައިގެ ދަމާބާރު މަޑު ކަމުގައި ވިނަމަވެސް، މެދު ފަށަލައިގެ ދަމާ ބާރު އެއަށް ވުރެ ގަދަވާނެއެވެ. އަދި މިފަށަލައިގެ ކައިރިން ދަތުރު ކުރާ ތަކެތި ބްލެކް ހޯލްގެ ތެރެއަށް ދަމައިގަންނާނެއެވެ. މިފަށަލައިގެ ކުރިމަތިން ދަތުރު ކުރެވޭ އެއްޗިއްސަށް ވަދެވޭނީ ސީދާ ބްލެކް ހޯލްގެ އެންމެ މެދަށެވެ. ބްލެކް ހޯލްގެ އެންމެ މެދަށް ކިޔަނީ ސިންގިއުލަރިޓީއެވެ. މީގެ މާނައަކީ ފިއްތާފައިވާ ތަރިއެވެ. ސިންގިއުލަރިޓީ ނުވަތަ ބްލެކް ހޯލްގެ އެންމެ މެދަކީ ބްލެކް ހޯލްގެ ދަމާ ބާރު އެންމެ ބާރުގަދަ ހިސާބެވެ.

މިހާތަނަށް 14 ބްލެކް ހޯލް އަހަރެމެންގެ ކާއިނާތުން ސައިންސްވެރިން ވަނީ ހޯދާފައެވެ. އަހަރެމެންގެ ދުނިޔެއާއި އެންމެ ކައިރީގައިވާ ކަމަށް ބެލެވޭ ބްލެކް ހޯލް ލޮކޭޓް ކުރެވިފައިވަނީ ދުނިޔެއާއި 8000 އަލި އަހަރު (8000 light years)  ބޭރުގައެވެ. މީގެ މާނައަކީ ދުނިޔެއާއި އެންމެ ކައިރީގައިވާ ބްލެކް ހޯލްއާއި ހަމައަށް އަހަރެމެންނަށް ދެވޭނީ އަލިދަތުރުކުރާ ބާރުމިނުގަ  (އެއީ ގަޑިއަކު 1.02 ބިލިއަން ކިލޯމީޓަރަށް) އަށްހާސް އަހަރު ދަތުރު ކޮށްގެންނެވެ!

ބްލެކް ހޯލްތަކަކީ އަބަދުމެ ދެމިހުންނަ އެއްޗެހި ކަމަށް ގިނަބަޔަކު ހީކުރެއެވެ. އެހެންނަމަވެސް މިއީ ކުށްހީއެކެވެ. ސައިންސްވެރިން ވަނީ ބްލެކް ހޯލްތަކުގައި ކުދިކުދި ލޯވަޅުތައް ވާކަމަށް ހޯދާފައެވެ. އެހެންކަމުން، ބްލެކް ހޯލްއެއް އުފެދުމަށްފަހު އެތަކެއް ބިލިއަން އަހަރުފަހުން އެބްލެކް ހޯލްތައް ނެތިގެން ހިނގައިދާނެއެވެ. މަޝްހޫރު ސައިންސް ޕްރޮފެސަރު ސްޓީވަން ހޯކިންގް ވަނީ ބްލެކް ހޯލްތަކަކީ ނެތިގެން ދާއެއްޗެތި ކަމަށް ހޯދާ، އަދި މިތަކެއްޗާއި ބެހޭ ވަރަށް ގިނަގުނަ ތަފާތު ދިރާސާތަށް ކޮށްފައެވެ.

ބްލެކް ހޯލްގެ އެންމެ އާދަޔާ ހިލާފް އެއްކަމަކީ ބްލެކް ހޯލްގެ އީވެންޓް ހޮރައިޒަން ނުވަތަ އެންމެ ބޭރު ފަށަލައާއި މެދު ފަށަލައިގެ ކައިރިން ވަގުތު ހުއްޓޭކަމެވެ. މިސާލަކަށް އީވެންޓް ހޮރައިޒަން ކައިރިއަށް ގަޑިއެއް ގެންގޮސްފިނަމަ، ގަޑީގެ ކަށިތައް ވަގުތުން ހުއްޓޭނެއެވެ. އެހެންކަމުން، ކާމިޔާބު ކަމާއެކު، ބްލްކެ ހޯލްގެ މިފަށަލަތައް ކައިރީ ހުއްޓި ހުރެއްޖެ މީހަކު ޒުވާން ކަން މަތީ ދެމިހުންނާނެއެވެ!

 

ނޯޓް: މިއީ ޕްރޮފެސަރ ޑރ.ހަސަން އުގެއިލް ލިޔުއްވައިފައިވާ އަދި ކުރިން ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.  

+1
4
+1
11
+1
2
+1
5
+1
44
+1
0
+1
1

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

  1. 1vanana udu nefeni thi black hole fenuneema
    kos veje thi his fake uda vx dhevey 500 aharu 😆faimagu ga hingaavar😆😆

    1
    8
  2. ދުނިޔެއާއި އެންމެ ކައިރީގައިވާ ބްލެކް ހޯލްއާއި ހަމައަށް އަހަރެމެންނަށް ދެވޭނީ އަލިދަތުރުކުރާ ބާރުމިނުގަ  (އެއީ ގަޑިއަކު 1.02 ބިލިއަން ކިލޯމީޓަރަށް) އަށްހާސް އަހަރު ދަތުރު ކޮށްގެންނެވެ! މިހެން ގޮސްގެންތޯ ތިޔަ ސައިންސްވެރިން ބުލެކްހޯލް ތިޔަ ބޮޑަށް ދިރާސާކުރީ! ނޫން! މުޅިންވެސް ހިޔާލީ ފޮލާއެވެ. އަދި މީގެ 100 އަހަރު ފަހުން ތިޔަ ހޯލަކީ އެހެން އިލާހީ ޤުދުރަތީ ކަންތައްތަކެއް ހިނގާތަނެއް ކަމުގައި ބުނާނެއެވެ. ކާއިނާތުގެ ވެރިރަސްކަލާނގެ އަރަހުށި ހުސްތާހިރުވަންތަ ﷲ ގެ ކުޅަދުންވަންތަކަމާއެވެ! އެކަލާނގެ ލަޝްކަރުތަކުގެ ގަދަފަދަކަމާއެވެ!

    5
    1

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް