November 22, 2024 19:34
Advertisement

-Advertisement-

ޕްރޮފެސަރ އުގެއިލްގެ ލިޔުއްވުމެއް: ބަޓަރފްލައި އިފެކްޓް - ކުދި ކަންތަކުން ބޮޑެތި ނަތީޖާ!

ކެއޯސް ތިއަރީ (Chaos Theory) އަކީ ހައިރާންކުރަނިވި ކަންތައްތަކާއި، ލަފާނުކުރެވޭ ފަދަ ކަންތައްތައް ހިމެނޭ ސައިންސެވެ. ބަޓަފްލައި އިފެކްޓްވަނީ މި ތިއަރީއާއި ގުޅިފައެވެ. މީގެއިން އަހަރެމެންނަށް އަންގައިދެނީ ކޮންމެ ކަމެއްވެސް ކޮންމެފަދަ ވަގުތެއްގައި އެއްވެސް އިންޒާރެއް ނެތި ކުރިމަތިވެދާނެ ކަމެވެ. އެންމެ ކުރީގެ ސައިންސްގައި ހިމެނެނީ އަހަރެމެންނަށް ލަފާކުރެވޭނެ ކަންތައްތަކެވެ. މިސާލަކަށް ބިމަށް ދަމާބާރު، ކަރަންޓު އަދި ކެމިކަލް ރިއެކްޝަންތަކެވެ. އެއާއި ހިލާފަށް ކެއޯސް ތިއަރީގައި ހިމެނެނީ އަހަރެމެންގެ ކޮންޓްރޯލުން ބޭރުގައިވާ ކަންތައްތަކެވެ. މިސާލަކަށް މޫސުމަށް އަންނަ ބަދަލުތަކާއި، ސިކުނޑީގެ ބައެއް ސިގްނަލްތަކެވެ. ގުދުރަތުން ލައްވާފައިވާ ވަރަށް ގިނަކަންތައްތައް ވަނީ ކެއޯސް ތިއަރީއާއި ގުޅިފައެވެ. މިސާލަކަށް ގަސްގަހާގެހި، އުޑުގައި ދަތުރުކުރަމުން އަންނަ ވިއްސާރަ ވިލާތައް، ކޯރުތަކުގެ އިތުރުން އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ ގުނަވަންތައްވެސް މިތިއަރީގެ ތެރޭގައި ހިމެނެއެވެ.

އަހަރެމެންގެ ރާއްޖޭގެ ފަޒާގައި އުދުހެމުން އަންނަ ކޮކާތަކާއި މެދު ވިސްނާލާށެވެ. އޭގެއިން ކޮކާލެއް އުދުހުމުގައި ފިޔަޖަހާލެވޭ ވަގުތުގެ ގޮތުން، ނުވަތަ ފިޔަޖަހާލެވޭ ގޮތަކުން ޔޫރަޕްގެ ކޮންމެވެސް ގައުމެއްގައި ތޫފާނެއް އުފެދިދާނެއޭ ބުނުމުން ގަބޫލު ކުރެވޭހެއްޔެވެ؟ މިފަދައިން ކަންތައްވުމަށް ވަރަށް ގިނަ ދުވަސް ނަގާފާނެއެވެ. އެހެންނަމަވެސް، މިފަދައިން ކަންތައްތައް ވުމަކީ އެކަށީގެންވާ ކަމެކެވެ. ކުރުގޮތަކަށް ބުނާނަމަ، ކިތަންމެ ކުޑަ ކަމަކުންވެސް އާހިރުގައި ދިމާވާ ނަތީޖާ ވަރަށް ބޮޑުވެފައި ވަރުގަދަ ވެދާނެއެވެ. އަހަރެމެންގެ ދިރިއުޅުންވެސް ވަނީ މިތިއަރީއާއި ވަރަށް ބޮޑަށް ގުޅިފައެވެ. މިލިޔުން ކިޔާލުމަށްފަހު ތިބާގެ ދިރިއުޅުމަށްވެސް ދިގުދެމިގެންދާނެ ބަދަލުތަކެއް އައުމަކީ އެކަށީގެންވާކަމެކެވެ.

އަހަރެމެންގެ ދިރިއުޅުމުގައި ހިނގާ ކިތަންމެ ކުޑަ އަދި އާދައިގެ ކަމެއްގައިވެސް ބަޓަރފްލައި އިފެކްޓް ހިމެނިދާނެއެވެ. އިންސާނުންނަށް އެބައިމީހުންގެ ދިރިއުޅުމުގެ ބައެއް ކަންތައް ކޮންޓްރޯލް ކުރެވުނު ކަމުގައިވިނަމަވެސް، ކެއޯސް ތިއަރީގެ ތެރޭގައި ހިމެނިގެން އަންނަ ކަންތައްތައް، މިސާލަކަށް، ބޮޑެތި ތޫފާންތަކާއި، ސުނާމީ ފަދަ ކަންތައްތަކަކީ އަހަރެމެންގެ ކޮންޓްރޯލުން ބޭރުގައިވާ ކަންތައްތަކެވެ. އަހަރެމެންނަށް ނޭނގުނު ކަމުގައިވިނަމަވެސް މިފަދަ ކަންތައްތައް އަހަރެމެންގެ ވަށައިގެންވެއެވެ. މިފަދަ ހާދިސާތަކުން ރެކިގެން އަހަރެމެންނަށް ތިބެވުނު ކަމުގައި ވިނަމަވެސް މިފަދަ ކާރިސާތައް ހުއްޓުވުމަކީ އިންސާނުންނަށް ކުޅަދާނަ ކަމެއް ނޫނެވެ. އެހެންނަމަވެސް ބަޓަރފްލައި އިފެކްޓް ބޭނުން ކޮށްގެން އަހަރެމެންނަށްވެސް ދިރިއުޅުމުގައި ކުރެވޭ ކުދިކުދި ކަންތައްތަކުން ބޮޑެތި ކަންތައްތައް ހާސިލް ކުރެވިދާނެއެވެ.

Advertisement

މޫސުމަށް އަންނަ ބަދަލުތަކަކީ ކެއޯސް ތިއަރީގެ މިސާލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މިސާލެވެ. ސަބަބަކީ  މޫސުމަކީ ވައިގެ ތެރޭގައި ހިމެނޭ މޮލިކިއުލްސްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންތައްތަކެވެ. ކޮކާލެއް ފިޔަޖަހާވަގުތު ވައިގެ އޮޔަށް އަންނަ ކުޑަބަދަލަކުންވެސް މުޅި ސިސްޓަމް އެއްކޮށް ބަދަލުވެދާނެއެވެ. ބަޓަރފްލައި އިފެކްޓްގައި ހިމެނެނީ ހަމައެކަނި މޫސުމަށް އަންނަ ބަދަލުތައް އެކަންޏެއް ނޫނެވެ. އަދި މިކަމުގައި ހިމެނޭނީ ހަމައެކަނި ކޮކާލެއްވެސް ނޫނެވެ. ކޮންމެ އެއްޗަކަށް އަންނަ ބަދަލަކުންވެސް ބަޓަރފްލައި އިފެކްޓް އައިސްދާނެއެވެ. ބޮޑެތި ކަންތައްތަކާއި ހިލާފަށް ކުދިކުދި ކަންތަކުން މެދުވެރިވާކަންތައް މެދުވެރިވުމަށް ވަގުތު ނަގާފާނެއެވެ. އެހެންނަމަވެސް ކުދި ކަންތައްތަކުން ދިމާވާ ކަންތައްވެސް ވަރުގަދަ ވެފައި ބޮޑުވާނެއެވެ.

އަހަރެމެން މިއަދު ނިންމާ ކަންތައްތަކަކީ އަހަރެމެންގެ މުސްތަގްބަލް ބިނާ ކުރާނެ ކަންތައްތަކެވެ. ވަގުތު ދިގުދެމިގެންގޮސް ރަނގަޅު ނުވަތަ ނުރަނގަޅު ކޮންމެވެސް ކަމެއް ވާނެކަން އެންމެންވެސް ދަންނާނެއެވެ. އެހެންކަމުން، އަލުން އެނބުރި ދެވޭނެނަމަ، ބަދަލު ކޮށްލާނެ ނުވަތަ ރަނގަޅު ކޮށްލާނެ ކޮންމެވެސް ކަމެއް ކޮންމެ މީހެއްގެވެސް އޮންނާނެއެވެ. މިފަދަ ގޮތަކަށް އެނބުރި ގޮސް އަހަރެމެން ބަދަލު ކޮށްލާ ކުޑަކުޑަ ކަމަކުންވެސް މުސްތަގްބަލް ވަރަށް ބޮޑަށް ބަދަލުވެދާނެއެވެ. މިސާލަކަށް ތިބާއަކީ ބަރުދަން އާދަޔާ ހިލާފަށް އިތުރު މީހަކުނަމަ، ބަރުދަން ލުއި ކޮށްލުމަށް ވިސްނާލިންހެއްޔެވެ؟ އެއްވެސް ޝައްކެތްނެތި ސިއްހަތު ސަލާމަތުން ހުރުމުން، މީހާ ދުޅަހެޔޮވެ އުމުރު ދިގުވެގެންދެއެވެ. އަދި މާމަ ދަރިންނާއި އެކީ ވަގުތު ހޭދަކުރެވި، އުމުރުގެ އެންމެ ފަހު އަހަރުތައް ދުޅަހެޔޮކަން މަތީ ގުނާލެވޭނެއެވެ. ކުދިކުދި ކަންތައްތައްކޮށްގެން، ބަޓަރފްލައި އިފެކްޓް އަހަރެމެންގެ ދިރިއުޅުން ހެޔޮގޮތުގައި ބައްޓަން ކުރުމަށްވެސް ބޭނުން ކުރެވިދާނެއެވެ.

ބަޓަރފްލައި އިފެކްޓް މިފަދައިން މަސައްކަތް ކުރަނީ ކައުނުގައިވާ ހުރިހާ ތަކެއްޗަކީވެސް ގުޅިލާމެހިފައިވާ ތަކެތި ކަމުންނެވެ. އަހަރެމެންނަށް ކުރެވޭ ކަންތައްތަކުގެ ސަބަބުން މުސްތަގްބަލް ވަރަށް ބޮޑަށް ބަދަލުވެދާނެއެވެ. ބަޓަރފްލައި އިފެކްޓަކީ ކުދި ކުދި ކަންތައްތަކުން ބޮޑެތި ނަތީޖާ ނުކުތުމެވެ. އެހެންނަމަވެސް  ވަރަށް ގިނަވަގުތު ތަކަކާއި އެކުއެވެ. އެހެންކަމުން ބަޓަރފްލައި އިފެކްޓްގެ އެހީގައި ކުދިކުދި ކަންތައްތައް ކޮށް ބުރަ މަސައްކަތާއި އެކު ބޭނުންވާ ވަރަށް ގިނަ ކަންތައްތައް ހާސިލް ކުރެވިދާނެއެވެ.

 

ނޯޓް: މިއީ ޕްރޮފެސަރ ޑރ.ހަސަން އުގެއިލް ލިޔުއްވައިފައިވާ އަދި ކުރިން ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. 

+1
0
+1
7
+1
1
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް