November 21, 2024 17:11
Advertisement

-Advertisement-

ކޯޑިން އަކީ އަންހެނުންނަށް ވެސް ކުރިއަށްދެވޭނެ ދާއިރާއެއް- ހަނާން

ޖަމާލުއްދީން ސްކޫލުގެ ގުރޭޑު 7 މިފަހަރު ނިމުނު އާއިޝަތު ހަނާން މުހައްމަދު އާސިފު އަކީ ތަފާތު ރޮގުތަކުން ފާހަގަކޮށްލެވޭ ކުއްޖެކެވެ. އުމުރުން 14 އަހަރުގެ ހަނާން އަކީ އަމިއްލަ ވެބްސައިޓެއް ތައްޔާރުކޮށްގެން އަމިއްލައަށް އެކި މައުޟޫތަކަށް ލިޔުންތައް އެވެބްސައިޓުގައި ޕަބްލިޝްކުރަމުންދާ ލިޔުންތެރިއެކެވެ.

ހަނާން އަމިއްލަ ވެބްސައިޓުގައި ލިޔެފައިވާ ލިޔުމެއް

ޒީޓައިމްސް އަށް މައުލޫމާތުދެމުން ހަނާން ވަނީ އަމިއްލަ ވެބްސައިޓް ކަމުގައިވާ 'ކްރޭޒީ ކޫރިއަސް' އުފެދުނު ގޮތުގެ ތަފްސީލްވެސް ކިޔައިދީފައެވެ.

" ކޮވިޑް ދުވަސްވަރުވީމަ އެހާބޮޑު ކަމެއް ނޯވޭ ކުރަން. ބޭރަކަށްނުދެވޭ. ކުޅިވަރު ނުކުޅެވޭ. އެހެންވެ ހިތަށްއެރީ ކޮންމެވެސް ތަފާތުކަމެއް ކޮށްލާނީއޭ. އެހެން ވިސްނަމުންދަނިކޮށް ވެބްސައިޓް ހެދުމުގެ ވިސްނުން އައީ. ވެބް ޑިވެލޮޕަރ އެއް ބޭނުންކޮށްގެން ވެބްސައިޓް ހެދުމަށްފަހު މިހާރުވާނީ 20 އާޓިކަލް ޕަބްލިޝްކޮށްފަ" މިދިޔަ އަހަރު ފަހުކޮޅު އުފެއްދި ވެބްސައިޓާއި ގުޅޭގޮތުން ހަނާން ބުންޏެވެ.

Advertisement

ހަނާން އަކީ ކޯޑިން އަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. ހަނާންގެ ބައްޕަ މުހައްމަދު އާސިފު މައުލޫމާތުދިންގޮތުގައި އުގެއިލް ފައުންޑޭޝަނާއި ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށްގެންދާ ދަސަރކްލް ގެ ޕްރޮގްރާމެއް ކަމުގައިވާ ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމްގައި ހަނާން ބައިވެރިކުރީވެސް އެ ޝައުގުވެރިކަމަށް ބެލުމަށްފަހުގައެވެ.

" ބައިވެރިކުރުމުގެ މަގުސަދަކީ ކޮވިޑާއިގުޅިގެން ގޭގައި ހުންނަންޖެހޭތީ އާއި ކޯޑިން އަށް ޝައުގުވެރިކަން ހުންނަ ކުއްޖަކަށް ހަނާން ވާތީ. ކޮންމެހެން ސަނަދުތަކެއް ހޯދުމަށްވުރެ ބޮޑަށް ކުދިންނަށް މައުލޫމާތު ބޭނުންވާނެ ދާއިރާތަކުން މައުލޫމާތު ހޯދައިދިނުމަށް މަގުފަހިކުރުމަކީ ބެލެނިވެރިންނަށްވެސް އޮތްކަމެއްތާ. އެހެންވެ ބައިވެރިކުރީ. އަދި ޕްރޮފެސަރ ޑރ. ހަސަން އުގެއިލް ހިންގަވާ ޕްރޮގްރާމެއް ވީމަ ޔަގީންކަން އޮތް ގިނަ މައުލޫމާތުތަކެއް ލިބި ކަންތައްތަކެއް ދަސްވާނެކަން. ވަރަށް ރަނގަޅު ކުރިއަށްދާ ގޮތް" އާސިފު މައުލުމާތުދިނެވެ.

މިއަހަރު ޖެނުއަރީމަހުން ފެށިގެން ބައިވެރިވެގެން އުޅޭ ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމާއި ގުޅޭގޮތުން ހަނާން ބުނީ މިއީ އަންހެނުންނަށް ވެސް ކުރިއަށްދެވޭނެ ދާއިރާއެއް ކަމަށެވެ.

" އެއްވެސް ހުރަހެއް ނެތް އަންހެނެކޭ ކިޔާފަ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ކޯޑިން މިއީ ހަމަ ރަނގަޅު ދާއިރާއެއް އަންހެނުންވެސް ކުރިއަށްދާން. އަޅުގަނޑުވެސް ބައިވެރިވީ ކޯޑިން ހުނަރު ކުރިއަރުވަން" ހަނާން ބުންޏެވެ.

ހަނާން މިހާރު ހަރަކާތްތެރިވަނީ ސަރކްލް ކޮމްޕޮޒިޝަން ތައްޔާރުކުރުމުގެ މަސައްކަތުގައެވެ. މިއީ ދުނިޔޭގެ އެކި ޤައުމުތަކުގެ ކުދިން ލިޔާ އާޓިކަލްތައް ޝާއިޢުކުރުމަށް ހަދާ ވެބްސައިޓެކެވެ.

" ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމުން ހޮވީ 4 ކުދިން. އޭގެތެރެއިން އެއްކުއްޖަކަށް އަޅުގަނޑު ހޮވުނުއިރު އެ 4 ކުދިންވެސް ތިބީ 2 ޓީމަށް ބަހާލާފައި. އަޅުގަނޑު މަސައްކަތްކުރަނީ ވެބްސައިޓް ޑިޒައިނިންގ އަށް" ހަނާން ތަފްސީލް ކިޔައިދިނެވެ.

ވެރިރަށް މާލެއަށް އުފަން ހަނާން އަކީ ވާހަކަދެއްކުމުގެ ހުނަރުގައި ފާހަގަކޮށްލެވޭ ކުއްޖެކެވެ. އުގެއިލް ފައުންޑޭޝަނުން ކުރިއަށްގެންދާ ލީޑަރސް އޮފް ޓްމޯރޯ ޕްރޮގްރާމްގައި ހަނާން ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައިވާއިރު ހުށަހެޅުމުގެ ހުނަރު އެހާބޮޑަށް ކުރިއަރައިގެން އައީ ގްލޯބަލް ޔޫތް ޕީސް ސަމިޓްގައި ބައިވެރިވި ހިސާބުން ކަމަށް ވަނީ ފާހަގަކޮށްފައެވެ. ހަނާން އަށް ވަނީ މިދިޔައަހަރު ބޭއްވި މިސަމިޓްގައި އެމްބެސެޑަރ އެވޯޑުވެސް ލިބިފައެވެ.

" ބެސްޓް 5 ސްޕީކަރސް ގެ ތެރޭގައި ހިމެނިގެން އަޅުގަނޑަށް އެވޯޑު ލިބުނީ. ރާއްޖެއިން ވެސް ބައެއް ކުދިންނަށް އެވޯޑު ލިބުނުއިރު މި ސަމިޓުގައި ފުރުސަތު ލިބިގެންދިޔަ ދުނިޔޭގެ އެކި ޤައުމުތަކުގެ ބައިވެރިންނާއި އެކު ވާހަކަދައްކާ ޕްރެޒެންޓޭޝަން ހުށަހެޅުމަށް. އެހެންވެ ވަރަށްބޮޑަށް ތަފާތުއައި ކަމަށް ޤަބޫލުކުރަން ހުށަހަޅައިދިނުމުގެ" ހަނާން ހިތްހަމަޖެހުމާއި އެކު ފާހަގަކުރިއެވެ.

މީގެއިތުރުން ހަނާން ވަނީ ދަ ސަރކްލް ގެ ޕްރޮގްރާމްތަކުގެ ކިޔަވައިދިނުމުގެ ތަފާތުކަން ފާހަގަކޮށްފައެވެ. މިގޮތުން ސްކޫލުތަކުގައި ސިލަބަހަށް ޚާއްސަކޮށްގެން ކިޔަވައިދޭއިރު ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމްގައި ކިޔަވައިދިނުމަށް ބޭނުންކުރަނީ ވަރަށް ޚާއްސަ ޓެކްނިކްތަކެއް ކަމަށް ފާހަގަކުރިއެވެ. މިގޮތުން ކިޔަވައިދޭ އެއްޗެހިން ކުދިންގެ ހިތްތަކުގައި ސުވާލު އުފެދި، ޚިޔާލު ފާޅުކުރަން ފުރުސަތު ލިބި އަދި ކުރާ ސުވާލުތަކަށް ވެސް ޖަވާބު ލިބިގެންދާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ހުސްވަގުތުގައި ކުރަނީ ކޮންކަމެއްތޯ އަހާލުމުން ހަނާން ބުނީ ކިޔެވުމާއި ކޯޑިން ޕްރޮގްރާމްގެ އިތުރަށް ދަނީ މާޝަލް އާޓްސް ދަސްކުރަމުން ކަމަށެވެ. މިދާއިރާއިން ބޭނުންވާ ހިސާބަށް ދިއުމަށް 3 އަހަރު ހޭދަވާނެ ކަމަށް ފާހަގަކުރިއެވެ. ޚާއްސަ މާޝަލް އާޓިސްޓަކަށް ވާން ބޭނުންވާ ހަނާން އިތުރަށް ބޭނުންވަނީ ސައިންސްގެ ދާއިރާއިން ކުރިއަށްދާށެވެ.

މާޝަލް އާޓްސް ޕްރެކްޓިސްގައި ހަނާން (ކ)

ހަނާންގެ އިންޓަވިއު ނެގިއިރު ކައިރީގައި ހުރި ހަނާންގެ ބައްޕަ ވަނީ އިންޓަވިއު ނިންމާލަމުން ޚާއްސަ މެސެޖެއްވެސް ދީފައެވެ.

" ކޮވިޑްތެރޭގައި ފާހަގަކުރެވުނު ކުރާނެކަމެއް ނެތިފަ ކުދިން އުޅުނުކަން. ވަރަށްބޮޑަށް ކުދިން ދެރަވެފަތިބިކަން. އޭގެ ބަދަލުގައި ކުދިންނަށް ލިބެންހުރި ފުރުސަތުތަކަކީ ކޮބައިތޯ ބަލައި ހޯދައިދެވެން ހުރި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާށޭ" އާސިފު ފާހަގަކުރިއެވެ.

 

ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.

+1
2
+1
7
+1
2
+1
1
+1
1
+1
0
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް