November 22, 2024 19:07
Advertisement

-Advertisement-

ޕްރޮފެސަރ އުގެއިލްގެ ލިޔުއްވުމެއް: ސުވާލުކުރުމުގެ މުހިންމުކަން!

އެއްވެސް ސުވާލެއް އެބައޮތްހޭ ކުދިންގާތު އެހީމެވެ. އެވަގުތު ކުއްޖަކު އަތްމައްޗަށް ހިއްލާލިތަން ފެނުނެވެ. ހަމަ އެއާއެކު އޭނާގެ ސުވާލު ކުރިއަށް ގެންދިއުމަށް އިނގިލިން އިޝާރަތެއް ކުރީމެވެ. "ކައުނު ނިމޭ ހިސާބުގައި ވަނީ ކޯއްޗެއް؟" އޭނާ އެހިއެވެ.

ސުވާލު އަޑުއިވުމުން މާބޮޑު ފިކުރަކާއި ނުލައި 'ވާއު' ބުނަމުން އިސްދަށަށް ޖަހާލެވުނެވެ. އެއީ އިނގިރޭސިވލާތުގެ ފަށާ ތައުލީމުދޭ ސްކޫލެއްގައި އުމުރުން ހައަހަރުގެ ކުދިން ސައިންސާއި ޓެކްނޯލޮޖީއަށް ހިތްޖެއްސުމުގެ ގޮތުން ކުރިއަށް ގެންދެވުނު ވާހަކަ ކޮޅަކާއި ގުޅިގެން ކުއްޖަކު އަޅުގަނޑާއި ކުރި ސުވާލެކެވެ. ސުވާލަކަށްފަހު އަޅުގަނޑުގެ ހަރަކާތްތަކާއި މޫނަށް އަންނަމުންދިޔަ ކުލަވަރު ބަލަމުން އެކުދިން ސުވާލުގެ ޖަވާބަކަށް އިންތިޒާރު ކުރިއެވެ.

ކޮންމެއަކަސް، ހައަހަރުގެ ކުއްޖަކު އެކުރީ ސައިންސްގެ އަލީގައި އަޅުގަނޑަށް ޖަވާބު ނުދެވޭފަދަ ސުވާލެކެވެ. އަދި ކިއެއްތަ، އެކުއްޖާ އެކުރީ މިދުނިޔޭގެ އެއްވެސް އިންސާނަކަށް ސައިންސުގެ އަލީގައި ޖަވާބު ނުދެވޭފަދަ ސުވާލެކެވެ. އެހެންނަމަވެސް، އެސުވާލަކީ ވަރަށްވެސް މުހިންމު ސުވާލެކެވެ. ސުވާލުގެ ސީދާ ޖަވާބު ނުލިބުނު ކަމުގައިވިއަސް އެސުވާލުގެ ޖަވާބު ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ އިންސާނާގެ ސިކުނޑި އެދާއިރާއިން ފުޅާވެ ގުދުރަތުން ލައްވާފައިވާ ތަކެއްޗާއި މެދު އިންސާނާއަށް ގިނަގުނަ މައުލޫމާތުތަކެއް އެގިގެންދާނެ ކަމެއްކަން ކަށަވަރެވެ.

Advertisement

މަތީގައި ކިޔައިދެވުނު ވާހަކައާއި ގުޅުވައިގެން އެހެން ހިޔާލެއްވެސް ހިއްސާކޮށްލާ ހިތްވެއެވެ. އެއީ، ހައަހަރުގެ ކުއްޖެއްގެ ސިކުނޑީގައި އެފަދަ ސުވާލެއް ކުރުމުގެ ގާބިލިއްޔަތު ކަން ހުރިކަމަށް ވަނީނަމަ، ބޮޑެތި މީހުންނަށް އެމީހުންގެ ސިނކުޑީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިފިނަމަ ހާސިލުކުރެވޭނެ ކަންތައްތަކުގެ ގިނަކަމާއި ބޮޑުކަމެވެ. ކޮންމެ އިންސާނަކު ވެސް މިދުނިޔެއަށް އަންނަނީ އެއްވެސް ހުރަހަކާ ނުލައި ކަންކަމާމެދު ވިސްނާ ފިކުރުކޮށް އަދި ކަންބަލާހިތްވާ ސިނކުޑިއެއްގެ ވެރިއެއްގެ ގޮތުގައެވެ.

އެހެންނަމަވެސް، އުޅޭ މާހައުލާއި، ދެވޭ ތަރުބިއްޔަތާއި އަދި ކިޔަވައިދިނުމުގެ ވައްޓަފާޅި ބެހެއްޓޭ ގޮތްގޮތުން މިފަދަ ކަންބަލާހިތްވާ ގޮތަށް ބައްޓަން ކުރެވެމުން އަންނަ ވިސްނުމަށް ކުޑައިރު ލޮޅުން އަރައެވެ. މުދައްރިސެއްގެ ހައިސިއްޔަތުން އަޅުގަނޑު މިކަމުގައި އަމިއްލަ ވިސްނުން ބަހައްޓާ 'ތަފާތު' ގޮތެއް ވެސް އޮވެއެވެ. އެއީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި މުދައްރިސެއްގެ މަސްއޫލިއްޔަތަކީ ފޮތުގައި ނުވަތަ އެހެންގޮތްގޮތަށް ނަމަވެސް ނަކަލު ކުރެވިފައި ހުންނަ މައުލޫމާތު ކުދިންނާ ހިއްސާކުރުމަށް މަގު ކޮށުމުގެ އިތުރުން އެކުދިން ފިލާވަޅުތަކަށް ނުވަތަ މާއްދާތަކަށް ހިތް ޖެއްސުމެވެ. އެހެންގޮތަކަށް ބުނަނީނަމަ ކުދިންނަށް ކަންކަމާމެދު ސުވާލު ކުރުމުގެ ފުރުސަތު ވީހާވެސް ބޮޑަކަށް ހުޅުވާލުމެވެ.

އިގިރޭސިވިލާތުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ މަޝްހޫރު ބީބީސީ ހިންގުމާ ދެހާސްވަނަ އަހަރު ގްރެގް ޑަޔެކް ނަމަކަށް ކިޔާ މީހަކާއި އަލަށް ހަވާލު ކުރެވުނެވެ. ވަޒީފާ ހަވާލު ކުރެވުނުތާ ގިނަ ދުވަހެއް ނުވެ އޭނާ އިނގިރޭސި ވިލާތުގެ ތަފާތު ކަންކޮޅުތަކުގައި ހުންނަ ބީބީސީގެ މަރުކަޒު ތަކަށް ޒިޔާރަތް ކުރެއްވި އެވެ. އެތަންތަނަށް ގޮސް މުވައްޒަފުންނާއި ބައްދަލުކޮށް އޭނާ ބީބީސީގެ ކުރިމަގާއިމެދު ވިސްނާގޮތް ހުށަހެޅުމުގެ ބަދަލުގައި މުވައްޒަފުންގެ ވިސްނުން އެކަމާމެދު އޮތްގޮތް އޮޅުންފިލުވަން މަސައްކަތް ކުރިއެވެ. މިގޮތުން "ބީބީސީ އަށް އެވަގުތު ގެންނަންޖެހޭ އެންމެ މުހިންމު ބަދަލަކީ ކޮބައިތޯ" އަދި  "ބީބީސީގެ ޚަބަރު ފަތުރުވާ ވަސީލަތްތައް މެދުވެރިކޮށް ޚަބަރު އަދި މައުލޫމާތު ހޯދާ މީހުންނަށް އެވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ކޮންކަމެއް ތޯ" ފަދަ ސުވާލުތައް މުވައްޒަފުންގާތު ކޮށް ކަންތައްތައް އޮޅުން ފިލުވާހެދިއެވެ. ކޮންމެއަކަސް، މިގޮތަށް ގްރެގްގެ އަމަލު ބެހެއްޓުމުން އޭނާއަށް ވަޒީފާގެ އާކޮޅު މަތީގައި ބީބީސީގައި ކަންތައް ހިނގާގޮތް އެނގުމުގެ އިތުރުން މުވައްޒަފުން އޭނާއަށް ކުރަމުންދިޔަ އިތުބާރު އަދި އިހްތިރާމު ވެސް ބޮޑުވިއެވެ.

ކަންކަމާމެދު ސުވާލު ކުރުމުގެ އާދައަކީ ހުރިހާ ބުއްދިވެރިންގެ ވެސް ކަށީގައިވާ ކަމެކެވެ. އަދި ވަކިން ހާއްސަކޮށް ވިސްނުންތޫނު ކަމަށް ބެލެވޭ މީހުން ވަރަށް އަދަޔާ ހިލާފު ސުވާލުތައް ކަންކަމާ ވިއްދައިގެން ކުރެއެވެ. މިގޮތުން، ދުނިޔެ ދުށް މޮޅެތި ސައިންސްވެރިން ވެސް މިކަމުން އިސްތިސްނާ ނުވާކަން ކަށަވަރެވެ.

މަޝްހޫރު ސައިންސްވެރިޔާ ނިއުޓަން އޭނާގެ ހަޔާތުގައި މުހިންމު ސުވާލުތަކެއް ކޮށް އޭގެ ޖަވާބު ހޯދަން މަސައްކަތް ކުރިއެވެ. މިސާލަކަށް، "އާފަލެއް ގަހުން ވެއްޓޭއިރު މައްޗަށް ދިއުމުގެ ބަދަލުގައި ބިމަށް ވެއްޓެނީ ކީއްވެ؟" "ހަނދު ދުނިޔެއަށް ނުވެއްޓި ދުނިޔޭގެ ވަށައިގެން އެނބުރެން ދިމާވާ ސަބަބަކީ ކޮބާ؟" ފަދަ ސުވާލުތައް އޭނާ ކުރިއެވެ. މިފަދަ ސުވާލުތައް ކޮށް އެސުވާލުތަކުގެ ޖަވާބު ހޯދުމަށް ކުރެވުނު މަސައްކަތްތަކުގައި ދަމާބާރުގެ ހަގީގަތް އޮޅުންފިލުން އަދި ހިސާބު އިލްމުގައި މިހާރު ބޭނުންކުރެވޭ ކަލްކިއުލަސް ފަދަ މުހިންމު މަފްހޫމްތައް ހާމަވެގެން ދިޔުން ހިމެނެއެވެ. ހަމައެހެންމެ، މަޝްހޫރު ސައިންސްވެރިޔާ އައިންސްޓައިން ކުރި ސުވާލުތަކުގެ ތެރޭގައި "އަލިރޮނގެއްގެ ކުރީގައި ނުވަތަ އަލި ދަތުރުކުރާ ބާރުމިނަށްވުރެ ބާރަށް ދަތުރު ކުރާ މީހަކަށް ކައުނުގައި އެކުލެވޭ ތަކެތި ފެންނާނީ ކިހިނެއްބާ؟" މިސުވާލު ހިމެނެ އެވެ. މިގޮތަށް ކުރެވޭ އަދަޔާ ހިލާފު ސުވާލުތަކުގެ ސަބަބުން ސައިންސާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިން އިންސާނުންގެ ވިސްނުން ތަރައްގީވެ ދުނިޔެއާއި ކައުނުގައި ކަންހިނގާ މަގު އިންސާނުންނަށް އިތުރަށް ފަހުމުވެގެން ދެއެވެ.  

ކަންކަމާމެދު އަދަޔާ ހިލާފު ސުވާލުކޮށް އެސުވާލުތަކުގެ ޖަވާބު ހޯދަން މަސައްކަތް ކުރުމަކީ އެހާ މުހިންމު އަދި ފައިދާހުރި ކަމަކަށް ވީއިރު މިއާދަ ގިނަގިނައިން މުޖުތަމައުއިން ނުފެންނަނީ ކީއްވެބާ؟ މިއީވެސް ކުރެވޭ ސުވާލެކެވެ. ބައެއް މީހުން ކަމަކާމެދު ސުވާލެއްކޮށް އިތުރަށް އޮޅުންފިލުވުމަށް ބުރަހެލި ވެއެވެ. އެފަދަ މީހުންނަށް ގަބޫލުކުރެވޭ ގޮތުގައި އެކަމާމެދު އެގެން ބޭނުންވާ މުހިންމު އެއްޗެހި އެމީހުންނަށް ސުވާލު ނުކޮށްވެސް އެނގެއެވެ. އެހެންކަމުން އެކަމާމެދު އިތުރަށް ސުވާލު ކުރުމުގެ ބޭނުން އަފަދަ މީހުންނަށް ނުވިސްނެއެވެ.

ހަމަ އެހެންމެ، ބައެއް މީހުން ކަންކަމާ ވިއްދައިގެން ސުވާލު ކުރަން ޖެހިލުންވެސް ވެއެވެ. ސުވާލު ކުރުމުން އެސުވާލަކީ ސުވާލު އަޑު އަހާމީހުން ބަލައި ނުގަންނަފަދަ ނުވަތަ އޭގައި މާބޮޑު އޮއްޓަރެއް އެކުނުލެވޭ ސުވާލެއް ކަމަށް ހީކޮށް ސުވާލު ނުކޮށް މަޑުޖައްސާލާ ގޮތް ވެސް ވެއެވެ.

ކަންކަމާ ވިއްދައިގެން ސުވާލު ކުރުމުގެ މުހިންމު ކަމާމެދު ވާހަކަ ދެކެވޭއިރު ފާހަގަ ކޮށްލަން ބޭނުންވާ އެހެން ނުކުތާއެއް ވެސް އެބައޮތެވެ. އެއީ ބައެއްފަހަރަށް މުދައްރިސުން ކުދިން ލައްވާ ސުވާލު ކުރުމަށް ބާރުނާޅާ ކަމެވެ. މީގެ ހަގީގަތަކަށް ވަނީ ބައެއްފަހަރަށް މުދައްރިސު މީހާއަށް ގަބޫލު ކުރެވިފައި އޮންނަ ގޮތުން އޭނާއަކީ ދަރިވަރުންނަށް ނަގައިދެވޭ ފިލާވަޅަކާއި ބެހޭ ހުރިހާ އެއްޗެއް ވަރަށް ސަރީހަކޮށް އެނގޭ މީހަކަށް ވާން ޖެހެއެވެ. ނުވަތަ ތިމާއަށް ޖަވާބު ނުދެވިދާނެ ފަދަ ސުވާލެއް ދަރިވަރަށް ކުރެވި ތިމާ ކުލާސް ކުރިމަތީގައި ފަލީހަތް ވެދާނެ ކަމުގެ ބިރު މުދައްރިއްސަށް ހީވުމެވެ.

އެހެންނަމަވެސް، މީގައި ފާހަގަ ކޮށްލަން ބޭނުންވަނީ ކިޔަވާ ކުދިންނާ އެއްފަދައިން މުދައްރިސު މީހާއަކީ ވެސް އޭނާ ނަގާދޭ ފިލާވަޅަކާއި ގުޅޭ ހުރިހާ މައުލޫމާތެއް ދަންނަ އަދި އެއާ ވިއްދައިގެން ކުރެވޭ ކޮންމެ ސުވާލަކަށް ޖަވާބު ފޯރުކޮށްދެވޭ މީހަކަށް ވާކަށް ނުޖެހެއެވެ. ކިޔަވައި ދިނުމަކީ ކުދިންނަށް ނަގައިދެވޭ ފިލާވަޅެއް ނުވަތަ އެކިޔަވައިދޭ މާއްދާއަކާ ބެހޭގޮތުން މައުލޫމާތު ތަކެއް އޮޅުންފިލުވައި ދެވި އެއާބެހޭ ގިނަގުނަ ސުވާލު ކުދިންނަށް ކުރުމުގެ ފުރުސަތު ކުދިންނަށް ހުޅުވުމުވެ. މިހަގީގަތް މުދައްރިސުންގެ އިތުރުން ކިޔަވާ ކުދިންނަށްވެސް ވިސްނާދިނުން މުހިންމެވެ.

އެހެންކަމުން، މޮޅު މީހުންނަކީ ކަންކަމާ ވިއްދައިގެން ސުވާލު ކުރުމުގައި އަބަދުމެ ދެމިތިބޭ ބައެއްކަން ވެސް ހަނދާންކޮށް އެއާދަ ކަށީގައި ހަރުލެއްވުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމަށް ވިސްނުން ބަހައްޓަން ވާނެއެވެ.

 

ނޯޓް: މިއީ ޕްރޮފެސަރ ޑރ.ހަސަން އުގެއިލް ލިޔުއްވައިފައިވާ އަދި ހަވީރުގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.    

+1
1
+1
2
+1
1
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް