ދަރިންނަށް އަޅުގަނޑުމެން އެންމެންވެސް ދޭ ނަސޭހަތެއް އޮވެއެވެ. އެއީ ކުޑައިރުއްސުރެން ފެށިގެން މަދަރުސާއިންނާއި މަތީ ތައުލީމު ފޯރުކޮށްދޭ އެހެނިހެން ތަންތަނުން ރަނގަޅަށް ކިޔަވައި މޮޅުމީހަކަށްވާން މަސައްކަތް ކުރުމެވެ. އެއަށްފަހު ރަނގަޅު ވަޒީފާއެއް ހޯދައި ޒަވާޖީ ހަޔާތެއްގައި ދިރިއުޅުން ވޭތި ކުރަން މަސައްކަތް ކުރުމެވެ. މިއީ އުފާވެރި ދިރިއުޅުމަކަށް މަގު ދެއްކުމަށް އަޅުގަނޑުމެން ދަރިންނަށް ދޭ ނަސޭހަތެކެވެ. އެހެންނަމަވެސް މިކަމާ ވިއްދައިގެން ހިތަށް އަރާ ސުވާލެއް އެބައޮތެވެ. އެއީ މިމޭރުމުން ދިރިއުޅުމާމެދު ވިސްނަން ދަސްކޮށްދިނުމަކީ އުފާވެރި އަދި ފާގަތި ދިރިއުޅުމަކަށް ދަރިއަކަށް މަގުދައްކާދޭނެ އެންމެ ރަނގަޅު ގޮތް ބާއެވެ؟
ދާދިފަހުން، އަޅުގަނޑު އިންޓަރނެޓް ހާވަމުން ދަނިކޮށް ފެނުނު ވީޑިއޯއެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. ވީޑިއޯއިން ފެންނަނީ ލޯގަން ނަމަކަށް ކިޔާ އުމުރުން ތޭރަ އަހަރުގެ ކުއްޖަކު ދިރިއުޅުމާއި ގުޅޭގޮތުން ދައްކާފައިއޮތް ޝައުގުވެރި ވާހަކަ ކޮޅެކެވެ. ލޯގަންގެ ވާހަކަ އަޑުއަހަމުން ދިޔައިރު އަޅުގަނޑުގެ ހިތަށް ވެރިވަމުން ދިޔައީ ވަރަށް ތަފާތު އިހްސާސްތަކެކެވެ. އަދި ތޭރައަހަރުގެ ކުއްޖެއްގެ ކިބައިން އަޅުގަނޑަށް މިދާއިރާގެ ފުންނާބު އުސް މީހުންގެ ކިބައިންވެސް ސިކުނޑިއަށް ނުގެނެވޭ ކަހަލަ ހިޔާލުތަކެއް އައެވެ. މުހިންމު މައުލޫމާތު ކޮޅެއްވެސް އެނގިގެން ދިޔައެވެ.
ލޯގަން ބުނާގޮތުން އާންމުގޮތެއްގައި އަޅުގަނޑުމެން ކުޑަކުދިން ކައިރީގައި ކުރާ ސުވާލެއް އޮވެއެވެ. އެއީ ބޮޑުވެގެން ވާން ބޭނުންވަނީ ކޮންކަހަލަ މީހަކަށް ހެއްޔެވެ؟ ނުވަތަ ކުރަން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި އަޅުގަނޑުމެން ކުޑަކުދިންގެ ފަރާތުން އެދޭ ޖަވާބެއްވެސް އޮވެއެވެ. އެއީ މޮޅު މީހަކަށް ވުމެވެ. ޑޮކްޓަރަކަށް ނުވަތަ ގާނޫނީ ވަކީލަކަށް ވުމެވެ. ސަރުކާރު އޮފީހެއްގެ ނުވަތަ އަމިއްލަ ކުންފުންޏެއްގެ ވެރިއަކަށް ވުމެވެ. ވަޒީރަކަށް ނުވަތަ ގައުމުގެ ރައީސަށް ވުމެވެ. އެހެންނަމަވެސް ލޯގަން ބުނާގޮތުން އަޅުގަނޑުމެން ކުދިންގެ ފަރާތުން އެދެން ޖެހެނީ މުޅިން ތަފާތު ޖަވާބަކަށެވެ. ލޯގަން ބުނާގޮތުންނަމަ އޭނާ ބޭނުންވަނީ ވަކިވައްތަރެއްގެ މީހަކަށް ވާކަށެއް ނޫނެވެ. އެއާ ޚިލާފަށް އޭނާ ބޭނުންވަނީ އުފާވެރި އަދި ފާގަތި ދިރިއުޅުމެއް ވޭތިކުރާ މީހަކަށް ވުމެވެ. މަދަރުސާގައި އަދި އެހެނިހެން ގޮތްގޮތުންވެސް ދަސްކުރަންވެސް ބޭނުންވަނީ އެފަދަ ދިރިއުޅުމަކަށް މަގުފަހިވާނެ އިރުޝާދެވެ.
ހަގީގަތުގައިވެސް ލޯގަން އެފާހަގަ ކުރީ އަޅުގަނޑުގެ ނަޒަރުގައި ވަރަށްބޮޑު ތެދެކެވެ. އަޅުގަނޑުމެން ދަރިންނަށް އުގަންނައިދޭން މަސައްކަތް ކުރަނީ ވަކިވައްތަރެއްގެ މީހަކަށް ވުމަށެވެ. އަދި މިކަން ގިނަފަހަރަށް އޮންނަނީ ދަރިފުޅު ކުރިއަށްދާން ބޭނުންވާ ދާއިރާއަކަށް މަގު ފަހި ކޮށްދިނުމަށްވުރެ ބެލެނިވެރިން ބޭނުންވާ ނުވަތަ ދަރިފުޅުގެ ކުރިމަގު އުޖާލާވާނެ ކަމަށް ބެލެނިވެރިންނަށް ގަބޫލު ކުރެވޭ ދާއިރާއަކަށް ކުއްޖާ ހިތްޖައްސަން މަސައްކަތް ކުރުމެވެ.
މިދާއިރާގެ ކަމާބެހޭ ތަޖްރިބާކާރެއް ކަމުގައިވާ ޑރ ރޮޖަރ ވޮލްޝް ފާހަގަ ކުރައްވާ ގޮތުގައި ދިރިއުޅުމާމެދު އަޅުގަނޑުމެން ދަރިންނަށް ނަގާދޭ ފިލާވަޅުތައް އަދި މުޅިން ރަނގަޅެއް ނޫނެވެ. އަދި ތައުލީމީ ގޮތުން ބެލި ކަމުގައިވިއަސް އަޅުގަނޑުމެން ދަރިންނަށް އުނގަންނައި ދެނީވެސް މުޅިދިރިއުޅުން އުފާވެރި ގޮތަކަށް ބައްޓަން ކުރަން މަގު ދެއްކުމުގެ ބަދަލުގައި ދިރިއުޅުމުގެ ބައެއް ކަންތައްތައް ކޮންމެހެން ބަހައްޓަން ޖެހޭ ގޮތެވެ. މިސާލަކަށް، ކުއްޖަކަށް ލިޔަން ދަސްކޮށްދޭ ގޮތަށް އުފާވެރި އަދި ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ކަންތަކުގެ މުހިންމު ފިލާވަޅުތައް ކުއްޖާއަށް ފޯރުކޮށް ނުދޭންޖެހޭ ސަބަބެއް އެބަ އޮތް ބާއެވެ؟
އުފާވެރި ދިރިއުޅުމެއްގެ ހަގީގީ މާނަ އަދި އެފަދަ ދިރިއުޅުމަކަށް ތިމާގެ ހަޔާތް ބައްޓަން ކުރަން މަސައްކަތް ކުރުމުގެ މުހިންމުކަން ގިނަފަހަރަށް އަޅުގަނޑުމެންނަށް ވިސްނެނީ އުމުރުގެ ދާދި ފަހުކޮޅުގައެވެ. އެހެންނަމަވެސް މިއީ މިކަން އޮންނަން ޖެހޭ ގޮތެއް ނޫންކަން ކަށަވަރެވެ. މިސާލަކަށް، އުފެއްދުންތެރިކަމަކީ ޒުވާން ސިނކުޑިތަކުގައި ހިމެނޭ މުހިންމު ލޭނާރެކެވެ. އެކަމަށް އެންމެ އެދެވޭ ގޮތަށް މަގުފަހި ކުރެވޭނީ އެސިކުނޑިތަކަށް އުފާވެރިކަމާއި ސިއްހީ ދުޅަހެޔޮކަން އިހްސާސް ކުރެވޭ ހާލުގައެވެ. އުނދަގުލެއް އަދި ބުރަހެލިކަމެއް ނެތި ވިސްނަން އެފަދަ ސިނކުޑިތަކަށް ޖާގަވެސް ލިބިގެންނެވެ. އެހެންކަމުން، ގައުމެއްގައި މީހުން ބިނާކުރުމުގެ އޮނިގަނޑުގައި އުފާވެރިކަމާއި ދުޅަހެޔޮ ސިއްހަތެއްގެ މުހިންމުކަން ވަރަށްވެސް ބޮޑެވެ. އެފަދަ މީހުންގެ ފަރާތުން ގައުމަށް އަދި މުޅި މުޖްތަމައަށް ލިބޭ ކުރިއެރުމާއި، މަންފާ އަދި ފާގަތިކަން ވެސް ބޮޑުވާނެކަން ކަށަވަރެވެ.
އުމުރުން ތޭރަ އަހަރުގެ ލޯގަންގެ ބަހުންނަމަ ފާގަތި ދިރިއުޅުމެއްގައި ހަޔާތް ވޭތި ކުރުމަށް އުފާވެރިކަން އަދި ދުޅަހެޔޮކަން ތިމާއަށް އިހްސާސްވާނެ ގޮތަކަށް ދިރިއުޅުމުގެ ކަންތައްތައް ބައްޓަން ކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، އުފާވެރި ދިރިއުޅުމެއްގައި ހަޔާތް ވޭތި ކުރުމަށް ކުރަންޖެހޭ އަށްކަމެއް ސައިންސުގެ އަލީގައި ކަމާބެހޭ ތަޖްރިބާކާރުން ހާމަ ކުރެއެވެ. އެއީ، ދީނީ ކަންތަކަށް އިސްކަން ދިނުން، ރަނގަޅު ކާނާ ކެއުން، ކަސްރަތު ކުރުމާއި ގިނައިން ހެލިފެލިވެ އުޅުން، އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުން، ކުރާހިތްވާ މަސައްކަތެއްގައި ޝާމިލުވެ އުޅުން، ގެއިން ބޭރުގައި ނުވަތަ ގުދުރަތީ މާހައުލުތަކުގައި ވަގުތު ހޭދަކުރުން، ކަންކަމުގައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ސިނކުޑިއަށް ތުރާވާ ކަންތަކުން ދުރުވާން މަސައްކަތް ކޮށް އުންމީދީ ވިސްނުމެއް ގެންގުޅުމެވެ.
މިދެންނެވުނު އަށްކަންތައް ސިނކުޑީގައި ބަހައްޓައިގެން އުފާވެރި އަދި ފާގަތި ދިރިއުޅުމެއް ކޮންމެ މީހަކަށްވެސް ހާސިލު ކުރެވިދާނެއެވެ. އަދި އެފަދަ ދިރިއުޅުމެއް ހާސިލު ކުރުމަށް އެންމެން އެއްމަގަކުން ހިނގާކަށްވެސް ނުޖެހެއެވެ. ދިރިއުޅުމުގައި ކޮންމެ މަގެއް ހިޔާރު ކުރިކަމުގައިވިއަސް މިބަޔާން ކުރެވުނު ކަންތަކާމެދު ފިކުރު ބަހައްޓައިގެން ކުރިއަށް ދިއުމުން ފުދޭނެއެވެ. ހަމައެހެންމެ، މިދެންނެވުނު ކަންތަކަށް ވިސްނާއިރު އެއިން ކޮންމެ ކަމެއްގައިވެސް މެދު މިންގަޑެއް ހިޔާރު ކުރުމަކީވެސް މުހިންމު ކަމެކެވެ.
ނޯޓް: މިއީ ޕްރޮފެސަރ ޑރ.ހަސަން އުގެއިލް ލިޔުއްވައިފައިވާ އަދި ކުރިން ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.